ދުނިޔެ ހޫނުވުން ކޮންޓްރޯލް
ކުރެވިދާނެހެއްޔެވެ؟
އިބުރާހިމް ނަޞީރު
ވިހިވަނަ ގަރުނުގެ
އެންމެ ޚާއްޞަ އެއްކަމަކީ " އެވެރިން " ގެ ބަހުންނަމަ "
އިންޑަސްޓްރިއަލް ރިވޮލިއުޝަން " އެވެ. " އަހަރެމެން " ކިޔާ ސިނާޢީ
އިންގިލާބެވެ. ނަމަވެސް ހަމަ މި ގަރުނުގެ ފަހުކޮޅުގައި ދުނިޔެ ސިއްސުވާލީ އޯޒޯން
ފަށަލައިގައި ހުރި ބޮޑުލޯވަޅެއްގެ ޚަބަރުންނެވެ. މިކަމާ ގުޅިގެން ދުނިޔެ ހޫނުވާނެ
ކަމާއި ކަނޑުގެ ލޮނުގަނޑު އުފުލޭނޭ ވާހަކައިންނެވެ. އެއާއެކު ތިމާވެށީގެ އެތައް މައްސަލަތަކެއް
ފެންމަތިވެ، ކުދި ޤައުމުތައް "ނޭވާހޮޅިޔަށް " އެޅިއްޖެ ކަމުގެ
އިންޒާރުތައް ލިބެންފެށިއެވެ. މިޚަބަރާއެކު ކުދި ޤައުމުތައް " އެލާޓަށް
" އައެވެ. " ވެލިގަލަށް ދާ ސައްތާރުމެންގެ" މަސައްކަތުގެ
ނުރައްކާތެރިކަން އިޙުސާސްވާންފެށިއެވެ. " ހަސަންފުތުމެން މަހަށްގޮސް
މުރަކައެއް ތަޅާލުމުންވެސް" ތިމާވެށްޓަށް ގެއްލުން ލިބޭނެކަން ދަސްވިއެވެ.
" ފަރަކީ އައްޑަނައެއް " ކަމަށާއި " ގަހަކީ ޙިމާޔަތެކޭ "
ގޮވަމުން ކަށިބޯ ނައްތާލައި " ކަނޑާކޮންމެ ގަހަކަށް ދެގަސް " އިންދަމުން
ފެށި ކެމްޕޭން " މިލިޔަންގަސް ޕްރޮގްރާމަކަށް " ބަދަލުވިއެވެ. "
ތިމާވެށި " މިބަސް ދިވެހި ރަދީފުގައި ލިޔެވުނީ މިދެންނެވި ދުވަސްވަރުގައެވެ.
އެހެނަސް، ސުވާލަކީ މިއަދާ ހަމަޔަށްވެސް ދުނިޔެ ހޫނުވަމުން ދިއުމުގެ މި
"ބިރުވެރި" މައްސަލައަށް ލިބިފައިވަނީ ވަނީ ކިހާވަރެއްގެ ޙައްލެއް
ބާވައެވެ؟ ނުވަތަ މިއީ ޙައްލު ކުރެވިދާނެ މައްސަލައެއް ބާވައެވެ؟
މި ނަޒަރުން
ވިސްނާލާއިރު ދުނިޔެ ހޫނުވުމުގެ " މަންމަ " އަކީ ކުރިން މިދެންނެވި
ސިނާޢީ އިންޤިލާބެވެ. އެހެންކަމުން މިކަން "ދުނިޔޭގެ ވެރިން"ގެ
ސަމާލުކަމަށް ގެނެވޭތޯ ކުދި ޤައުމުތަކުން މަސައްކަތްފެށިއެވެ. " އަހަރެމެން
މި މަރުވަނީ " ކަމާއި އޭގެ އެންމެ ބޮޑު ޒިންމާދާރުންނަކީ އެވެރިން ކަމުގައި
ފާޅުގައި ބުންޏެވެ. " އަހަރެމެންގެ ބޮލުގައި އަތް އަޅައި ކަނޑުގެ އަޑިޔަށް ގަންބާ ނުލާށޭ" ބުނެ
އެތައް އާދޭހެއް ކުރިއެވެ. ތަފާތު ފޯރަމް ތަކާއި ތަފާތު މުޢާޙަދާތަކުގެ
ޒަރީޢާއިންނެވެ. އެންމެ ފުރަތަމަ "ޖެނީވާ މުޢާޙަދާ " އެވެ. ދުނިޔޭގެ
އެތައް ޤައުމަކުން މި މުޢާޙަދާގައި ސޮއިކޮށް، ތަންފީޒުކުރަމުން ދާއިރު،
އުފެއްދުންތެރިކަމުގެ އެންމެ އުސް ކުރިބޯށީގައި އޮވެ، ވިހަގޭސް ޖައްވަށް
އެންމެގިނައިން ބޭރުކުރަމުންދާ އެމެރިކާއިން މި މުޢާޙަދާއާ ދިމާއަށް ލޮލުގެ
ކުޑަކޮޅުންވެސް ބަލައެއްނުލައެވެ. ނަމަވެސް ދުނިޔެއަށް ބޭރުކުރާ ވިހަ ގޭހުގެ %10
ގެ މިލްކުވެރިޔަކީ ޚުދު އެމެރިކާއެވެ. މިއީ މިމައްސަލައާ އޭގެ ހައްލާއި ދެމެދަށް
ވަންނަ އެންމެ ބޯ ދާފަރާއެވެ. އަނެއްކޮޅުން ބަލާއިރު އެމެރިކާގެ ކުރީގެ ރައީސް
ބިލްކްލިންޓަން ވަނީ ތިމާވެށި ޙިމާޔަތް ކުރުމަށް އެމެރިކާ އަބަދުވެސް އިސްކަން
ދޭނެކަމަށް ވިދާޅުވެފައެވެ. ވުމާއެކު އެމީހުންގެ ޢަމަލާއި ބަހާއި ދިމާވެއްޖެނަމަ
މިއީ މިކަމުގައި ކާމިޔާބީއަކާ ހަމައަށް ވާޞިލް ވެވިދާނެ ކަމުގެ ފެހި ސިގުނަލެކެވެ.
އެހެނީ އޭރުން އެމެރިކާގެ ފިޔަވަޅު މަތީ ފިޔަވަޅު އަޅަމުން ހިނގާ އެތައް ޤައުމެއް މިކަން ތަންފީޒު
ކުރާނެތީއެވެ.
1992މ ވަނަ އަހަރު ބުރެޒިލްގެ ރިއޯޑީ ޖެނެއިރޯގައި ބޭއްވުނު " އަރތު ސަމިޓު
" ގައި ބައިވެރި ނުވާ ޤައުމެއް ދުނިޔޭގައި މަދެވެ. އެތައް ކަމަކާމެދު
މަޝްވަރާ ކުރެވުނެވެ. އެންމެ ހޫނު މައްސަލަޔަކީ ދުނިޔެ ހޫނުވުމެވެ. ދުނިޔޭގެ ދެ
ތަނޑީގައިވާ އައިސްތައް ވިރުމެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމެވެ. ބިންތިރި
ޤައުމުތައް ޣަރަޤު ވުމެވެ. ނަމަވެސް މި ބޮޑު މަހާސިންތާއެކޭ ކަޅިފުށީ ކަލޭގެ ޖެހި
ކޮކަޑިއެކޭ އެއްގޮތެވެ. ކުރެވުނު މަޝްވަރާ ތަކާއި ނިންމުނު ނިންމުންތައް
ހަނދާންހުރި މީހަކު މިއަދު ދުނިޔޭގައި އުޅޭބާވައެވެ؟ މޯހިރުގައި ލީ މޮއި ފަދައިން ފުހެވި ދިޔައީ
އެވެ. މިކަމަށްޓަކައި ބަންދުކުރެވުނު އެއްވެސް ކާރުޚާނާއެއް ނެތެވެ.
މަޑުޖައްސާލެވުނު އެއްވެސް ސިނާޢަތެއްނެތެވެ. ވީއިރު މިމައްސަލަ ޙައްލުކުރެވިދާނެ
ހެއްޔެވެ؟ ކަން މިހެން ހުރިނަމަވެސް، ސުވާލަކީ މިކަމަށް ހަމަ އެއްވެސް
ކުރިއެރުމެއް ނުލިބޭ ބާވައެވެ؟ އެހެން ކަމަށްވާނަމަ އަލަށް ތަޢާރަފުކުރެވުނު
" ސީ އެފް ސީ ފްރީ " އައިސް އަލަމާރިތަކާއި އެއަރކޯނުތައް
ކޮބައިހެއްޔެވެ؟ " އިތުރުވަމުންދާ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމުތަކާއި
ދުން ނާރާ އިންޖީނުތަކަށް ތަޢުރީފެއް ނުކުރާނަން ހެއްޔެވެ؟ ތިމާވެށްޓާ ރައްޓެހި
އުފެއްދުންތަކާމެދު ބުނާނީ ކީކޭ ހެއްޔެވެ؟ މިފަދަ އުފެއްދުން ގަތުމަށް ލޯބިކޮށް،
ޕްލާސްޓިކު ކޮތަޅަށް ނޫނެކޭބުނި މީހުންނަށް ޝުކުރުގެ އެންމެ ލަފުޒެއްވެސް
ނުބުނާނަމު ހެއްޔެވެ؟ ޝައްކެއްވެސް ނެތް ގޮތުގައި މިކަންކަން ހެކިދެނީ މިކަމަށް
ކޮންމެސް ވަރެއްގެ ކުރިއެރުމެއް މިހާރުވެސް ލިބިފައިވާކަމެވެ.
ބުނާތީ އިވެއެވެ.
" އޯޒޯން ފަށަލައިގައި ލޯވަޅެއް އެޅުނިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ ދުނިޔެ
މިހާރަށްވުރެ ހޫނުވިއްޔާ ވާނީ ކީއްހެއްޔެވެ؟ ކަނޑުގެ ލޮނުގަނޑު ތިން ހަތަރު ފޫޓަށް އުފުލުމަކުން
ކަންބޮޑުވާންވީ ކޮން ކަމަކާ ހެއްޔެވެ؟ ކުދި ޤައުމުތައް ޣަރަޤުވާނަމަ އެ
ޤައުމުތަކުގެ މީހުން، ބޮޑެތި ޤައުމުތަކަށް ބަދަލުކުރީމާ ނިމުނީ ނޫންހެއްޔެވެ؟
" މިއީ " އުސް ބިންތަކުގެ އަހުލުވެރިންގެ ބަހެވެ. މިފިކުރުގައި،
ތިމާއަށް " ބޮނޑިވަރެއް " ނުލިބޭގޮތަށް، އަނެކުންނަށްޓަކައި "
އިނގިލިވެސް ހަލުވާ ނުލާ " މި މީހުން މިކަމަކަށް ފުރިހަމަ އެއްބާރުލުމެއް
ނުދެއެވެ. ތިމާމެންގެ އަތުގައި އަނެކުންނަށްވުރެ ހަތިޔާރު މަދުވެދާނެތީއެވެ.
ތިމާމެންގެ އުފެއްދުންތަކުގެ " މާކެޓު" ގެއްލިދާނެތީއެވެ. އަނެކުން އަރާ
ތިމާމެންނާ ފައިހަމަކޮށްފާނެތީއެވެ. ތިމާމެންނަށް " ސްޕަރ ޕަވަރ"ގެ
މަޤާމު ގެއްލިދާނެތީއެވެ. މިއީ މުޅިޔަކުން ދޮގުވާހަކައެއްވެސް ނޫނެވެ. ކޮންމެ
މީހަކުވެސް ތަރައްޤީ އާއި ތަހުޒީބުގެ އެންމެ އުސް ހަރުފަތުން ޖާގަ ބޭނުންވާނެއެވެ.
ވީއިރު އެމީހުން ނުބައިމީސް ކޮށްގެން
ނިންމާލެވޭކަށްވެސް ނެތެވެ. " ރީސައިކްލް " ކުރުމުގެ ވާހަކަ ފެށި
ބަޔަކީވެސް އެމީހުން ވިއްޔާއެވެ. ވުމާއިއެކު " އެމީހުންގެ އެއްބާރުލުން
ލިބުނަސް މިއީ ނުކުރެވޭނެކަމެއް " ކަމަށް ނިންމަން އަދި މާ އަވަހެވެ. އެތައް ސަބަބަކާއި ހުރެއެވެ.
ކީރިތި ވަންތަ ﷲ
މިދުނިޔޭގައި ލައްވާފައިވާ ނިޒާމުތައް ހައްދަވާފައިވަނީ އެންމެ ފުރިހަމަޔަށް
އެންމެ މަންފާ ލިބެނިވި ގޮތަށެވެ. މި ނިޒާމުތައް ފަސާދަވެ ދަނީ އިންސާނުންގެ
ޢަމަލުތަކުގެ ސަބަބުން ކަމުގައި ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެއެވެ.
މިކަން މިވަނީ ސައިންސްގެ އަލީގައިވެސް ކަށަވަރު ވެފައެވެ. ދުނިޔޭގެ ކޮންމެ
ނިޒާމެއް ފާލުން ނެއްޓި އެކަމާއި ގަންނާކުރައްވާ ބިރުން " ރަޖާލާން " މި
ޖެހެނީ ހަމަ އަހަރެމެންގެ ސަބަބުންނެވެ. އަހަރެމެން ތަރައްޤީ އާއި ތަހުޒީބުގެ
އެންމެ އުސް މުންނާރަށް ޥާޞިލްވުމަށް ކުރާ މަސައްކަތުގައި ބަލަނީ އެންމެ
ފަސޭހަގޮތެވެ. އެންމެ ޚަރަދު ކުޑަގޮތެވެ. ތިމާޔަށް އެންމެ ފައިދާ ބޮޑު ގޮތެވެ.
އެކަމުގެ " އާޚިރު ނަތީޖާ " އާއިމެދު ޚިޔާލުވެސް ކޮށްނުލައެވެ. ބިޔަ
ޖަންގަލިތަކުގައިވާ ހައިބަ ބޮޑު އެތައް ގަހެއް ބިމާހަމަކޮށްލަނީ މަދު ސިކުންތު
ކޮޅެއްގެ ތެރޭގައެވެ. " ކެމިކަލް ވޭސްޓް"ތައް ވެސް ތިމާގެ "
ސައިޓުން " ބޭރުކޮށްލެވުނީމާ ނިމުނީއެވެ. ކާރުޚާނާއިން ކިތަންމެ "
ކުނިބުންޏެއް " ޖައްވަށް
ބޭރުވިޔަސް ތިމާގެ ވިޔަފާރި
ކުރިއެރީމާ ނިމުނީއެވެ. ނަތީޖާ އަކީ ދުނިޔޭގެ ކުރިމަގު ބަނަވެ، " އެތައް
ބައްޔެއްގެ ޝިކާރައަކަށް " ވެގެން ދިއުމެވެ. ވިހަ ގޭސް އިންތިހާއަށް
އިތުރުވުމެވެ. ދިރޭތަކެތީގެ އެތައް
ނަސްލެއްގެ ނަންވެސް ފުހެވިގެން ހިނގައިދާނެ ކަމުގެ ބިރު ހީވުމެވެ. އޯޒޯން ފަށަލަ
ފޫވެއްޓި " އަލްޓްރާ ވައިލެޓު"ގެ ޝިކާރައަކަށް ދުނިޔެ ވުމެވެ. ދުނިޔޭގެ
ފިނިހޫނުމިން އުފުލުމެވެ. ދުނިޔޭގެ ދެ ތަނޑީގައިވާ ގަނޑުފެންތައް ވިރި ކަނޑުގެ
ލޮނުގަނޑު އުފުލެން ފެށުމެވެ. ކުރުކޮށް ބުނާނަމަ އިންސާނާގެ ކޮންމެ ޢަމަލެއްގެ
ކަފުގައި ވިއްދާފައި ގެއްލުމާއި ހަލާކު އެބަ އޮވެއެވެ. އެހެން ނަމަވެސް މިހުރިހާ
ގެއްލުމެއްގެ ޒިންމާ އުފުލަން މިތިބީ އިންސާނުން ކަމުގައި ވާއިރު، މިބައިމީހުން
މިކަން ބަދަލުކުރަން ފޫގަޅާލައިފިނަމަ މިއީ ނުކުރެވޭނެ ކަމެއް ކަމުގައި ދެންނެވޭނެ
ތޯއެވެ؟
ދުނިޔެ އަކީ
އަހަރެމެން އެންމެންގެވެސް ތަނެވެ. ވީއިރު އެއަށް ލިބޭ ކޮންމެ ގެއްލުމެއް ހަމަ
ކޮންމެ ފަރުދަކުވެސް ޙިއްސާކުރާނެއެވެ. ނެތި ހިނގައިދާނެތީ ކަންބޮޑުވާނެއެވެ.
ނަމަވެސް ޙާލަތު ނިޔާކުރާގޮތުން އެކިމީހުންނަށް އަސަރުކުރަނީ އެކިވަރަށެވެ.
ވުމާއެކު އެކިމީހުންގެ ކަންބޮޑުވުން ހުރީވެސް އެކި މިންވަރަށެވެ. ނަމަވެސް
އިންސާނާ ތަރައްޤީއާއި ތަހުޒީބަށްޓަކައި މި " މައިނާރު ކަނޑަނީ "
ކީއްކުރަން ބާވައެވެ؟ އެންމެ މޮޅު މީހާއަށް ވުމަށް " ކަރުމަރު ހިފަނީ "
ކީއްވެ ބާވައެވެ؟ " ކޮންމެ " ރޮނގަކުންވެސް އެންމެ " މަތިފަޑިއަށް
" އަރަން މި މަސައްކަތް ކުރަނީ ކޮން
ކަމަކަށްޓަކައި ބާވައެވެ.
އަޅުގަނޑު ހިތުން މީގެ ޖަވާބަކީ "
ރަސް ދުނިޔެއެއް"ގައި ، " ރަން
ގަނޑުވަރެއް" ގައި ، " މާމުއިގެ ޙަޔާތެއް " ވޭތުކުރުމެވެ. އެހެން ކަމަށް
ވާނަމަ މި ދުނިޔެ "
ބަލިއެނދުގައި ބާއްވައިގެން " މި ޙަޔާތް ހޯދިދާނެ ބާވައެވެ؟ ނުތަނަވަސްކަމުގެ
" މަސާރީ " އަކުން ހާއުފާ ލިބޭނޭ ގޮތެއް އޮންނާނެ ބާވައެވެ؟ ކަން އޮތީ
މިހެން ކަމަށް ވާއިރު މިކަމަށް މަސައްކަތްކުރަން ނުޖެހޭ ފަރުދަކު މިދުނިޔޭގައި
ވޭބާވައެވެ؟ އަނެކަކަށް ފޫޅުކަނޑައިފައި ބޯދަމައިގަނެ، " ހަށިފޮޅައިލައިގެން"
ހުރެވޭނޭ ހަމަ އެކަކުވެސް ވޭބާވައެވެ؟ ވީއިރު ކޮންމެ ފަރުދަކުވެސް ތިމާގެ ވާޖިބު
އަދާކޮށްފިނަމަ މި މައްސަލަ ޙައްލުކުރެވިދާނެ ކަމާއި މެދަކު ޝައްކެއްވެސް ނެތެވެ.
2007މ ވަނަ އަހަރު އައި. ސީ. ސީ. ޕީން ނެރުނު ދިރާސީ ރިޕޯޓެއްގައި ބަޔާންކޮށްފައި
ވާގޮތުން "ފިނިހޫނުމިން މައްޗަށް ދިއުމުން ދުނިޔޭގެ މޫސުމަށް ބޮޑެތި
ބަދަލުތަކެއް އަންނާނެއެވެ. މިގޮތުން ފެންބޮޑުވުން އިތުރުވުމާއި، ހަނަފަސްވުމާއި،
ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ތޫފާންތައް އިތުރުވުމާއި، ހައިހޫނު ކަންފަދަ
މައްސަލަތައް އިތުރުވާނެއެވެ." މިއިން އެއްކަމަކީވެސް ތިމާގެނަފުސަށް
ލިބިގަތުމަށް ހަމަ އެކަކުވެސް ތައްޔާރުވާނޭ ކަންކަމެއް ނޫނެވެ. ވީއިރު މިކަމަށް
އެއްބާރުލުން ދޭން ދެކޮޅު ހަދާނީ ކާކުތޯއެވެ؟ އަދިވެސް މިރިޕޯޓުގައި ވާގޮތުން
" ވޭތުވެދިޔަ 100 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ހޫނުމިންވަނީ 1.3 ޑިގްރީ
ފެރަންހައިޓް މައްޗަށް ގޮސްފައެވެ." އަޅުގަނޑުގެ ނަޒަރުގައި މިއީ މިމައްސަލަ
ޙައްލުކުރެވިދާނެ ކަމުގެ އަލިގަދަ ޤަރީނާއެކެވެ. ސަބަބަކީ މިއީ މިމައްސަލައަށް
އެއްވެސް ސަމާލުކަމެއް ނުދެވި ދިޔަ އެތައް އަހަރެއްގެ ގެއްލުމާއި އެކު
އިތުރުވެފައިވާ ކުޑަކުޑަ ޢަދަދެކެވެ. އެހެންކަމުން މިކަމަށް ސަމާލުކަމެއް ދީގެން
މަސައްކަތްތަކެއް ކުރެވިއްޖެނަމަ އޭގެ ޙައްލާއި ހަމަޔަށް ވާޞިލް ވެވިދާނެއެވެ.
ތިމާވެށްޓާއި ރައްޓެހި އުފެއްދުންތައް އިތުރުކޮށްގެންނެވެ. ޖައްވަށް ކާބަން ދޫކުރާ
މިންވަރު މަދުކޮށްގެންނެވެ. އިޢާދަކުރަނިވި ހަކަތައިގެ ނިޒާމުތަކަށް އިސްކަން ދީގެންނެވެ.
ކޮންމެ ހިސާބަކުން، ކޮންމެ ދިމާއަކުންވެސް ޒިންމާ އަދާކުރެވިގެންނެވެ. މިހެން
ވެއްޖެންމަ ދުނިޔެ ހޫނުވުން ކޮންޓްރޯލް ކުރެވިދާނެ ކަމާއި މެދަކުޝައްކެއް
ވަސްވާހެއް ނެތެވެ.
* މަސައްކަތް
-1މަޒުމޫނުގައި ދުނިޔެ ހޫނުވުން
ކޮންޓްރޯލްކުރުމަށް ހުރި ހުރަސްތައް ފާހަގަކުރާށެވެ.
-2ފާހަގަކުރި
މަޢުލޫމާތު ގްރެފިކް އޮގަނައިޒަރ އެއްގައި ބަޔާންކުރާށެވެ!
3- ތައްޔާރުކުރި
ގްރެފިކް އޮގަނައިޒަރގައިވާ މަޢުލޫމާތުގެ މައްޗަށްބިނާކޮށް " ދުނިޔެ ހޫނުވުން
– ޙައްލެއްނެތް މައްސަލައެއް" މި މަޢުޟޫއަށް ތިބާއަމިއްލަ މަޒުމޫނެއް
ލިޔާށެވެ!





No comments:
Post a Comment